ސޯޝަލް ޑާވިނިޒަމްގެ މައްޗަށް ބިނާވެފައިވާ ޑެމޮކްރަސީއެއް ބޭނުމެއް ނޫން.

ބިޒްނަސް ޓެރަރިސްޓުންގެ ޤައިރު ޤާނޫނީ ހަރަކާތަކުގެ ވާހަކަ ދެއްކުން ވީ އަޅުގަނޑު ހީކުރި ފަދައިން ބައެއް ބޭފުޅުން ވަރަށް ކޯފާއިސްވި ވާހަކައަށެވެ.  އެހެންވާނެ ތާއެވެ!  މިޤައުމު ކޮންޓުރޯލް ކޮށް ހިންގަނީ  އެމީހުންނެވެ. ވަރަށް ސާދާ ކޮށް މަލަމަތި ދައްކައިގެން ތިއްބަވާ ބޭފުޅުންނަކީ ވެސް އެވެރިންގެ ތެރޭގައި ހިމެނޭ ބައެކެވެ،  ނޫނީ އެވެރިންގެ މަދަދުވެރިންނެވެ.

ޤައުމުގެ ސިޔާސަތު ތައް ހަދަނީ ވެސް އެވެރިންގެ ނުފޫޒުގެ ދަށުގައި ތިބިމީހުންނެވެ. ތަންފީޒު ކުރަން ވެސް ތިބީ އޭގެ މީހުންނެވެ. ފިނޭންސް މިނިސްޓަރަށް ބައްލަވާ ލައްވާފައި އަޅުގަނޑު މިހެދީ ވެސް ދޮގެކޭ ވިދާޅުވާށެވެ!
 ޤާނޫނު ހަދާގޭ ގާ ގިނައީ އެވެރިންގެ ފައިސާއިން ހޮވިފައިތިބި މީހުންނެވެ. އެމީހުން ވަފާތެރިވާނީ ރައްޔިތުންނަށް ވުރެ ބޮޑަށް އެމީހުން އެމަޤާމަށް ހޮވި މީހުންނަށެވެ.

އެންމެ ހިތާމަވެރި ކަމަކީ މައުމޫނުގެ ސަރުކާރާ ދެކޮޅުވެ، އަޑު އުފުލާ ގިނަ މީހުންނަކީ ވެސް މިދެންނެވި ޓެރަރިސްޓުންގެ މިތުރުން ކަމުގައި ވާތީއެވެ.  ޙާއްސަ ކޮށް އެމް.ޑީ.ޕީ ފާހަގަ ކޮށްލަން ޖެހެއެވެ. މުނައްވަރާ ޒަކީ އަކީ ކައިރޭ ބުނާ ގޮތުން ނަމަ "އެއީ ހަމަ އެކަށްޗެކޭ."

އަޅުގަނޑަށް ފެންނަ ގޮތް ޤާނޫނީ ހެއްކާއެކު ލިޔުމުން އެމް.ޑީ.ޕީ އިން އެކަމާ ދެކޮޅު ހަދާ ތެޅި ފޮޅިގަނެ ނޫސްބަޔާނެއް ނެރުނު ކަމީ އެޕާޓީ މިނިވަން ކަމަށާއި އަދުލް އިންސާފަށާއި ރައްޔިތުންގެ ހައްޤުތަކަށް ލޯބި ކުރާ މިންވަރު ހާމަވެގެން ދިޔަ ކަމެކެވެ. ހަޤީޤަތެއް ނެތް ވާހަކަތަކެއް އަޅުގަނޑު ދައްކާފައި ވާނަމަ އެޒާތުގެ ނޫން ބަޔާނެއް ނެރުނަސް އެންމެ ރަގަޅެވެ. އަޅުގަނޑު ދައްކާފައި އެވަނީ ހަޤީޤަތެއްކަން މިއަދު މި ސައިޓުގައި މި ޝާޢިއު ކުރާ އެއްބަސްވުމުން ވެސް ތިޔަ އެންމެ ބޭފުޅުންނަށް ސާފުވާނެއެވެ. އަޅުގަނޑުގެ ހިތުތެރޭގައި އުފެދޭ ސުވާލަކީ އެމް.ޑީ.ޕީގެ ސިޔާސަތަކީ ވައްކަމަށް ލޯމެރުންތޯއެވެ. ހިޔާނާތައް ހިއްވަރު ދިނުންތޯއެވެ. މިނިވަންކަމަށް ހުރަސް އެޅުންތޯއެވެ. މައުމޫނު ބާލަން ވަގުންނާއި ޙިޔާނާތެރިންގެ އަތުގައި ވެސް ހިފުންތޯއެވެ.

އަޅުގަނޑު ދަންނަވާނެ ވާހަކަ އަކީ ޑިމެކްރަސީގެ ބިންގާ ވަގުން ލަށްވާ އަޅުވައިފިނަމަ ބިނާ ކުރެވޭ ޑެމޮކްރަސީ ވާނީ  މައުމޫނު އެވިދާޅުވާ ކަހަލަ ނަމޫނާ ޑެމޮކްރަސީ އަކަށެވެ. ހިޔާނާތުގެ ޑެމޮކްރަސީ އަކަށެވެ. ސޯޝަލް ޑާވިނިޒަމްގެ ޑެމޮކްރަސީ އަކަށެވެ.

މިއަދުގެ އެމް.ޑީ.ޕީގެ ސިޔާސަތު އެގޮތަށް ރޭވިގެން ދާތަން ފެނުމުން އަޅުގަނޑު ހައިރާނެއް ނުވަމެވެ. ޤާނޫނު އަސާސީގައި ކަޑައެޅިގެން ބަޔާން ކޮށްފައިވާ ކަންތައްތައް ވެސް އެއިރަކަށް އޭނާގަ މަސްލަހަތަށް ފެތޭ ގޮތަށް މާނަ ކުރާ މީހެއް ޒައީމަކަށް ހުރި ޕާޓީ އަކުން ކަންކުރާނީ ކަން މިހާރު އެކުރާ ގޮތަށެވެ.

މައުމޫނާ އެމް.ޑީ.ޕީގެ ޒައީމާ  ހުރީ ކޮންތަފާތެއްތޯއެވެ. ދެމީހުންނަކީ ވެސް ޙުދުމުޙުތާރު ދެމީހުން ކަމަށް މި ދަންނަވަނީ ވަރަށް ކެރިހުރެއެވެ.

އެޓާރނީ ޖަނެރަލަކަށް ހުރެ އަބްދުއްﷲ ޝާހިދާ އެކު ރިސޯޓެއް ހެދުމަށް ސަރުކާރުން ރަށެއް ކުއްޔަށް ލިބިގަނެ، ޓުއަރިޒަމް މިނިސްޓްރީން ކުރާ އެގްރީމަންޓް އޭނާގެ ފައިދާ އަށް މާނަ ކޮށް، އެރަށް ހެދުމަށް ލޯލާރި އެއް ވެސް ޙަރަދު ނުކޮށް އެތަށް މިލިއަނު ޑޮލަރަކަށް ޗަމްޕާ އަފީފަށް ރަށް ވިއްކާލި ކަން އަޅުގަނޑު މިދަންނަވާނީ ތޯތޯ ވާހަކައެއްގެ މައްޗަށް ބިނާ ކޮށެއް ނޫނެވެ. އެއީ ހަމަ ހަޤީޤަތެވެ. މިދެންނެވީ ތެދެއްތޯ ނުވަތަ ނޫންތޯ އެމް.ޑީ.ޕީގެ ޒައީމު ކައިރީ އަށްސަވަބައްލަވާށެވެ.

ބިޒްނަސް ޓެރަރިސްޓުންނަށް ޤާނޫނާ ޙިލާފަށް ރިސޯޓްތަކުގެ މުއްދަތު އިތުރު ކުރުމުގެ ލަފާ ދީފައި އޮންނާނީ 1999 ގެ ފަހުން އެޓާރނީ ޖެނެރަލްކަން ކުރި ދެމީހުން ކުރެ މީހެކެވެ، ނުވަތަ ދެމީހުން ވެސް މެއެވެ. އެދެމީހުންނަކީ އެމް.ޑީ.ޕީގެ ޒައީމާ  ނިޔު މޯލްޑިވްސްގެ ބާނީ އެވެ.

މައުމޫނު ވެރިކަމުން ދުރުކޮށް އެމް.ޑީ.ޕީގެ މިހާރުގެ ޒައީމު ވެރިކަމަށް އަރުވަން އަޅުގަނޑު ދެކޮޅެވެ. މުޅިން ދެކޮޅެވެ. އިރާދަކުރެއްވިއްޔާ ދެވަނަ މައުމޫނެއް މި ޤައުމަށް މާތްﷲ ނުދައްކަވާނެތެވެ. އަޅުގަނޑު އެމް.ޑީ.ޕީގެ މެމްބަރުނަށް މި ދަންނަވަނީ ތި ބޭފުޅުންގެ އަދުގެ ޒައީމު ދުރުކޮށް ޤާނޫނަށާއި ރައްޔިތުންނަށް އޯގާތެރި މީހަކު ޒައީމު ކަމަށް ގެންނަވާށެވެ. އެހެން ނުވާނަ ޤައުމުގައި ތިބި ވިސްނޭ ރައްޔިތުންގެ ތާއީދެއް ތިޕާޓީ އަކަށް ނުލިބޭނެއެވެ. ދެތިން އެކްޓިވިސްޓުން އަޑު ގަދަ ކޮށް އޭނާ ފަހަތުން އެބުރުނަސް އެއީ އޭނާ އަށް އޮތް ތާއީދު ހާމަވާކަމެއް ނޫނެވެ. އަޅުގަނޑު މިހެން ދެންނެވުމުން އަޅުގަނޑު އާއިލާ އަށް ބަހުގެ ހަމަލަ އަންނާނެކަން އެނގެއެވެ. އެހުންނަނީ ކަންކަމެއް ނޫނެވެ. ތަން ކޮޅެއް އިހުގެ ބަހުރުވައިންނަމަ އެއީ އާދައިގެ ކަމެކެވެ.

 ޝައުޤީ އަށް އަޅުގަނޑު ފޮނުވި ސިޓީ ފޮނުވިތާ ތިން ދުވަސް ވުމުން ޖަވާބު ހޯދަން އެ މިނިސްޓްރީ އާ ގުޅުމުން ޝައުޤީގެ ސެކެރެޓަރީ ނަޝްމާއޭ ކިޔާ ކަނބަލެއް ވިދާޅުވީ މިނިސްޓަރ މިވަގުތު ހުންނެވީ ހެރެތެރޭގައި ކަމަށެވެ.  އެކަމަކު ތިފޮނުވި ސިޓީ ފެކްސް ކުރަނި ކޮށް ފޯނުން މިނިސްޓަރު އަރިހު ދަންނަވާފައި ޖަވާބެއް ދީފާނަމެވެ.

 އެސިޓީ ފެކްސް ކުރުމަށް ފަހު އޭގެ އަނެއް ދުވަހު ގުޅުމުން ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ ނަސްމާވީ ރަށުން ބޭރުގައެވެ. ކުރީދުވަހު ނަޝްމާ ވިދާޅުވި ވާހަކަ ދެއްނެވުމުން ނަޝްވާއޭ ކިޔުނު ބޭފުޅަކު ވިދާޅުވީ ނަސްމާވީ މިނިސްޓަރ އަރިހުގައި ޒިޔުރިކަށް ގޮހެވެ. އާދިއްތަ ދުވަހު ގުޅާށެވެ.  އާދިއްތަ ދުވަހު ވާއެއްޗެއް އެގިތާނެއެވެ. އަޅުގަނޑު ޔަޤީން ކުރަނީ ޝައުޤީ އާ ނަސްމާއާ ދެބޭފުޅުން ޒިޔުރިކުގައި ޤައުމަށް "ފައިދާ" ހުރި ހަރަކާތްތަކެއް ހިންގާވާނެކަމަށެވެ.  

މިއަދު އަޅުގަނޑު ތިބޭފުޅުންނާ މި ހިއްސާ ކޮށްލަނީ ޓުއަރިޒަމް މިނިސްޓްރީން ރިސޯޓެއްގެ މުއްދަތު 35 އަހަރު ދުވަހަށް އިތުރު ކުރެއްވި ޤައިރު ޤާނޫނީ ކޮންޓުރެކްޓެކެވެ. ބައެއް ތަންތަން ހުންނާނީ ކަޑާލާފައެވެ. ކޮންފަރާތެއް ކަން ދަންނެވުން އަދި ރަގަޅެއްނުވާނެއެވެ.

 ލިބިފައި އޮތް ކޮޕީ  ނުސާފުކަމުން އަޅުގަނޑުގެ ކޮމެންޓްސް އާއެކު ކޮންޓުރެކްޓުގެ މާއްދާތައް އަލުން ޓައިޕް ކޮށްފައި ހިމެނީމެވެ.
މައުމޫނު ބޭލުމަށް ބިޒްނަސް ޓެރަރިސްޓުންގެ އެހީ ލިބިދާނެ ކަމުގެ އުއްމީދުގައި  އެމީހުން ކުރަމުންދާ ވައްކަންތަކުގެ ވާހަކަ ނުދައްކާ ތިބެންވީތޯއެވެ. ތިބޭފުޅުން ތިއްބަވާށެވެ. އަޅުގަނޑެއް ނުހުންނާނަމެވެ.

މައުމޫނު ބާލާފައި ބިޒްނަސް ޓެރަރިސްޓުންގެ ޕަޕަޓެއް ވެރިކަމަށް އަރުވަން ބޭނުން ފުޅުވަނީތޯއެވެ. ތިޔަބޭފުޅުން އެކަން ކުރައްވާށެވެ. އަޅުގަނޑަށް ވީވަރަކުން އެކަމާ ދެކޮޅު  ހަދާނަމެވެ.