މަސައްކަތް ފަށައިފިން
ޓުއަރިޒަމް އިންޑަސްޓްރީޒު ގައި ހަރަކާތެރި ވަމުން ގެންދާ ފަރާތަކުން ޙާއްސަ ކޮށް ބޮޑު ތިނެއް ހަދަމުން ގެންދާ މަކަރުތަކާއި ޤައުމަށާއި ރައްޔިތުންނަށް ވަމުންދާ ޙިޔާނާތްތައް ރައްޔިތުންނަށް ހާމަ ކޮށް އެކަން ހުއްޓުވުމުގެ މަސައްކަތް ޤައުމުގެ ހާލަތް މިވަގުތު ތަންދޭ މިންވަރުން ފަށައިފި ވާހަކަ ދެންނެވީމެވެ.
މިގޮތުން މިހާރު އަމަލު ކުރަމުން ގެންދާ ޓުއަރިޒަމާ ބެހޭ ޤާނޫނާ ކަނޑައެޅިގެން ޙިލާފަށް އާދެ! ޤާނޫނު ނަމްބަރު 2/99 ގެ 9 ވަނަ މާއްދާ ގެ ހ. އާ ޙިލާފަށް ރިސޯޓްތަކުގެ މުއްދަތު އިތުރު ކޮށްފައިވާ މައްސަލަ ފުރުތަމަ މައްސަލައެއްގެ ގޮތުގައި ނަގައިފީމެވެ.
ޤާނޫނީ ގޮތުން މިކަން އޮތް ގޮތް ދަންނަވާނަމެވެ.
1999 ވަނަ އަހަރު ފާސް ކުރެވުނު ދިވެހިރާއްޖޭގެ ޓުއަރިޒަމާ ބެހޭ ޤާނޫނު (ޤާނޫނު ނަމްބަރު 2/99) ގައި ވަރަށް ތަފްސީލުކޮށް ޓުއަރިސްޓް ރިސޯޓާއި ޓުއަރިސްޓް ހޮޓާ ހަދަން ރަށްތަކާއި ސަރަހައްދު ތައް އެކަށައެޅޭނެ ގޮތާއި އެރަށް ތައް ކުށްޔަށް ދިނުމުގައި އަމަލު ކުރަން ޖެހޭނެ ގޮތާއި، ރަށްތައް ކުއްޔަށް ދެވޭނެ މުއްދަތު ތައް ތަފްސީލު ކޮށް ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުރުން ރަށުގެ މުއްދަތު ހަމަވުމުން ރަށް ވަކި ކޮށް ރަށުގައި އިންވެސްޓްކުރި ފަރާތަށް ބަދަލު ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ގޮތް ވެސް ބަޔާން ކޮށްފައިވެއެވެ.
މިދެންނެވި ޤާނޫނުގެ ކުރިން ކުށްޔަށްދީފައިވާ ރަށްތަކުގެ މުއްދަތައް މިދެންނެވި ޤާނޫނުން 4 އަހަރުގެ އިތުރު ކޮށްފައިވެއެވެ. މިއީ މައުމޫނު އެވެރިންނަށް ދެއްވި އަގު ބޮޑު ހަދިޔާއެކެވެ.
ޤާނޫނު ނަމްބަރު 2/99 އަށް އަމަލު ކުރަން ފެށިފަހުން އެ ޤާނޫނުގެ ކުރިން ކުށްޔަށް ދީފައިވާ ދެރަށް ކަމުގައި ވާ ވިލިވަރާއި ބިޔާދޫގެ މުއްދަތު ހަމަވެގެން މިދެރަށް އަލުން ބީލަމަށް ލެވުނެވެ.
ޅޮހިފުށި، ކުރުބާ ވިލެޖ، ބަނޑޮސް ތަން ތަނަށް މިވަނީ ކިހިނެއްތޯއެވެ. މިތަން ތަން ދުވަހަކު ވެސް މުއްދަތު ހަމައެއް ނުވެއެވެ.
ކަންދިމާވި ގޮތުން ވިލިވަރު ބިޔާދޫ ހިންގި އިންޑިޔާގެ ކުންފުނީގެ ލޯޔަރަކަށް ހުރީ އަޅުގަނޑެވެ. އެހެން ކަމުން ޤާނޫނު ނަމްބަރު 2/99 އަށް އަމަލުކުރަން ފެށުމުން އެ ދެ ރަށުގެ މުއްދަތާ ދެތޭރޭ އެކުންފުނީގެ ބޮޑުން ކުރި ސުވާލުތަކަށް ޖަވާބުދީ ސަރުކާރުން އޮޅުން ފިލުވަން ޖެހުނު ކަންތައްތައް އޮޅުން ފިލުވީ އަޅުގަނޑެވެ.
މިގޮތުން އޮޅުން ފިލުވި ކަންތައްތަކުން ސާފުވީ އެ ދެ ރަށުގެ މުއްދަތު ފުރަތަމަ ހަމަވާން އޮތީ 2000 ވަނަ އަހަރުގައި ކަމެވެ. އާދެ! ސަރުކާރާއި އެކުންފުންޏާ ކުރެވިފައިވާ އެއްބަސްވުން އެތާރީޙްގައި ހަމަވަނީއެވެ. ނަމަވެސް އަލަށް ހެދުނު ޤާނޫނުން ހުރިހާ ރަށަކަށް 4 އަހަރު ކޮށްދީފައިވާތީ އެ ދެރަށުގެ މުއްދަތަށް 4 އަހަރު އިތުރުވެގެން ދިޔައެވެ.
1999 ވަނަ އަހަރު ފާސްވި ޤާނޫނުން ކޮންމެ ރިސޯޓެއްގެ މުއްދަތަށް ހަތަރު އަހަރު އިތުރުވީ 1998 ވަނަ އަހަރު އޮތް ރިޔާސީ އިންތިޙާބުން މައުމޫނަށް ކާމިޔާބު ލިބިވަޑައިގަނެގެން އެކާމިޔާބު ހޯދައިދިނުމުގައި އެހީތެރިވި ނުވަތަ ފައިސާ ބެހި ފަރާތް ތަކަށް ހަދިޔާ އެއް ކުރެއްވުމުގެ ގޮތުން ކަމަށް ދެކެމެވެ. އެންމެ ނަށް ލިބުނު ހަދިޔާގެ މަންފާ އިންޑިޔާ މީހުންނަށް ވެސް ލިބުނީއެވެ.
100 އެނދުގެ ރިސޯޓެއްގެ މުއްދަތަށް ހަތަރު އަހަރު ދުވަސް އިތުވުން އެއީ ގާތްގަޑަކަށް 8 މިލިއަނު އެމެރިކާ ޑޮލަރު ދިނުން ކަހަލަ ކަމެކެވެ. އެހެންވީމާ ރިޔާސީ އިންތިހާބެއް ކައިރިވާއިރު ރިސޯޓް އޯނަރުން ހޭބޯ ނާރާ މައުމޫނު ހޮވަން މަސައްކަތް ކުރަން އުޅޭތަން ފެނުމުން ހައިރާނެއް ނުވާނެނޫންތޯއެވެ. މި ރިޔާސީ އިންތިހާބުގައި މައުމޫނު ހޮވިއްޖެ ނަމަ ރިސޯޓްތަކުގެ މުއްދަތު 50 އަހަރަށް ބަދަލުވާނެ ކަމަށް ރިސޯޓް އޯނަރުން ލަފާކުރެއެވެ.
ކޮންމެއަކަސް ވިލިވަރު ބިޔާދޫގެ މުއްދަތު އިތުރުވާނެ ގޮތެއް ހޯދުމަށް ބިދޭސީމީހުން ބުނެގެން އަޅުގަނޑު ވެސް ޤާނޫނީ ގޮތުން އެކަން ކުރެވޭނެ ގޮތްތައް ބެލީމެވެ. މިދެރިސޯޓްގެ މުއްދަތު އިތުރުވާނެ ގޮތަކަށް ފެނުނީ އެދެރަށުގެ މިލްކުވެރިކަން ދިވެހި ކުންފުންޏަކަށް ބަދަލު ކޮށް، އެކުންފުނީގެ 50% ހިއްސާ ޕަބްލިކަށް ވިއްކައިގެނެވެ. އެނޫން ގޮތެއް ނުފެނުނެވެ. އެދަރަށުގައި އިތުރަށް 10 މިލިއަނުން ޑޮލަރު އިންވެސްޓް ކޮށްގެން އިތުރު 15 އަހަރު ލިބޭތޯ ވެސް ބެލުނެވެ. އެކަމަކު އެކަމެއްވާކަށް ނެތެވެ. ސަބަބަކީ ޤާނޫނުގައި ބުނަނީ ރިސޯޓް ހަދަން ފަށާއިރު ކުރާ އިންވެސްޓްމަންޓް 10 މިލިއަނު ޑޮލަރަށް ވުރެ ބޮޑު ނަމަ 35 އަހަރަށް މުއްދަތު އިތުރުވާނެ ކަމަށެވެ. މިދެންނެވި ޝަރުތެއް ވިލިވަރު ބިޔާދޫ އަކަށް ފުރިހަމައެއް ނުކުރެވޭނެ ނޫންތޯއެވެ.
އާދެ! ޤާނޫނު ނަމްބަރު 2/99 ގެ ދަށުން ކުއްޔަށްދީފައިވާ ރަށެއްގެ މުއްދަތު 35 އަހަރަށް އިތުރު ކުރެވެނީ އެ ޤާނޫނަށް އަމަލުކުރަން ފެށުމުގެ ފަހުން ކުއްޔަށް ދޫކުރާ ރަށްތަކުގެ ތެރޭން ރަށް ހެދުމަށް ފުރުތަމަ ކުރާ އިންވެސްޓްމަން 10 މިލިއަނު އެމެރިކާ ޑޮލަރަށްވުރެ ބޮޑުވާނަމައެވެ. އެ ޤާނޫނަށް އަމަލުކުރުމުގެ ކުރިން ކުއްޔަށް ދީފައިވާ ރަށެއްގެ މުއްދަތު 35 އަހަރަށް އިތުރުވާނެ އެއްވެސް ޖާގައެއް އެ ޤާނޫނަކުން ނުދެއެވެ. އެ ޤާނޫނުން ހަމައެކަނި ކުރި ކަމަކީ ކުރިން އިޝާރާތް ކުރި 4 އަހަރު އެ ޤާނޫނުގެ ކުރިން ކުއްޔަށް ދީފައިވާ ރަށްތަކަށް އިތުރު ކުރީއެވެ.
އެހެން ކަމުން އެ ޤާނޫނުގެ ކުރިން ކުށްޔަށްދީފައިވާ ރަށްތަކުގެ މުއްދަތަކީ ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެގްރީމަންޓުގައި ބުނާ މުއްދަތާއި، ޤާނޫނުން އިތުރު ކުރި 4 އަހަރު ދުވަހެވެ.
ޤާނޫނީ ގޮތުން މިހާ ސާފު ކޮށް އޮތް މައްސަލައެއް އަޅުގަނޑު މިކިޔާ ބިޒްނަސް ޓެރަރިސްޓުން ސަރުކާރުގެ ފަރާތް ތަކަށް ރިޝްވަތުދީގެން، ނުވަތަ ބުލެކްމޭލް ކޮށްގެން ޤާނޫނު ނަމްބަރު 2/99 ގެ 9 ވަނަ މާއްދާގެ ހ. އަށް އޮޅުވާލުމެއްގެ ތެރޭން އެމީހުންގެ ރަށްތައް ފައްތައިގެން އެރަށްތަކުގެ މުއްދަތު 35 އަހަރަށް އިތުރު ކުރިއެވެ.
މިއީ ކިހާ ބޮޑު ވައްކަމެއްތޯއެވެ. ކިހާ ބޮޑު ހިޔާނާތެއްތޯއެވެ. ރައްޔިތުންގެ ރިޒުޤުން މިވެރިން ފޭރިފާ މިބުނަނީ ތިމަންނަ މެނާ ނުބެހޭށޭ.! ސިޔާސީ ކަންކަމުގައި އިންޑަސްޓްރީ ޤުރުބާން ނުކުރާށޭ! މިޒާތުގެ އެއްޗެއް ސެވެ. އަޅުގަނޑު ދަންނަވާނީ ޤާނޫނު ގައި ވާގޮތުގެ މަތިން ކަންކުރާނަމަ މީހަކު ތިވެރިންނަކާ ނުބެހޭނެޔޭއެވެ. އެކަމަކު ވައްކަން ކުރަންޏާ ނުބެހި ތިބެންވާނެހޭ. ހަމަގައިމު ވެސް އެކަކު ނުބެހުނަސް އަޅުގަނޑު ބެހޭނަމޭ މިދަންނަވަނީ އެއްވެސް ޖެހިލުމެއްނެތިއެވެ.
ޤާނޫނާ ޙިލާފަށް ރަށްތަކުގެ މުއްދަތު އިތުރު ކުރަމުން އެދަނީ ދިވެހި ރައްޔިތުންގެ ތެރޭން ގިނަ ބަޔަކަށް ވާނުވާ އެއް ނޭންގި ތިއްބައެވެ. އެކަން ކުރާކަން އެގޭ މީހުން މަޑުން އެތިބީ އެވެރިންނަށް ކޮންމެ ވެސް ދަރަނި ވެރިއެއް ވެފައެވެ. ނުވަތަ އެވެރިން އަތުން ރިޝްވަތުހިފައިގެނެވެ. ނުވަތަ އެވެރިން ދެކެ ގަންނަ ބިރަކުން ނެވެ. އާދެ! މިދެންނެވި ބިޒްނަސް ޓެރަރިސްޓުން ދެކެ ބިރުންނެވެ. ބިރު ވެސް ގަންނާނެތާއެވެ. އެވެރިން ކޮށްފައިވާ ވައްކަން ފަޅާ އަރުވާލާ މީހަކު މަރަން ވެސް އެވެރިންނެއް ފަހަކަށް ނުޖެހޭނެއެވެ. ނާކޯ ޓެރަރިސްޓުންނާ ބިޒްނަސް ޓެރަރިސްޓުން ވެސް ބޭނުން ކުރަނީ ދާދި އެއް ހަތިޔާރު ތަކެކެވެ. އެއް އުކުޅުތަކެކެވެ. އެއް ސިޔާސަތެކެވެ. ނައްތާލުމުގެ ސިޔާސަތެވެ. އެލިމިނޭޝަނުގެ ސިޔާސަތެވެ.
ރައްޔިތުންގެ ރިޒްގު ފޭރިގެން ތިބެ މިދެންނެވި ބިޒްނަސް ޓެރަރިސްޓުންގެ ބުނާނީ ރަށްތަކުގެ މުއްދަތު އިތުރު ކުރެވިފައި އެވަނީ އެގްރީމަންޓެއްގެ ދަށުން ކަމަށެވެ. އެހެން ކަމުން އެގްރީމަންޓަށް ދިވެހި ސަރުކާރުން ކަމޭ ހިތަންވާނެކަމަށެވެ. އަޅުގަނޑު ދަންނަވާނީ ކޮންޓުރެކްޓާ ބެހޭ ޤާނޫނުގެ ދަށުން ޤައިރު ގާނޫނީ ކަމެއް ކުރުމަށް ކުރާ ކޮންޓުރެކްޓަކީ ބާތިލު ކޮންޓުރެކްޓެއް ކަމަށެވެ. އެހެން ކަމުން ސަރުކާރުގެ އިސް މީހުންނަށް ރިޝްވަތުދީގެން ކޮށްފައިވާ ޤައިރު ޤާނޫނީ ކޮންޓުރެކްޓް ތައް ވަގުތުން ބާތިލު ކުރަންޖެހޭނެކަމަށެވެ. ޤައިރު ޤާނޫނީ ކޮންޓުރެކްޓެއް ހަދާ އެ ކޮންޓުރެކްޓްގެ ދަށުން ކުރާ އިންވެސްޓްމަންޓް ތަކަކީ ބަދަލު ދޭންޖެހޭނެ ކޮންޓުރެކްޓްތަކެކެވެ. އެފަދަ ކަމަކަށް ބަދަލު ދިނުމެކޭ ވައްކަން ކުރާ މީހުންނަށް ވައްކަމުގައި ބޭނުން ކުރަމުން އައި ހަތިޔާރު އިތުރަށް ބޭނުން ނުކުރެވިގެން އެ ހަތިޔާރަށް ބަދަލު ދިނުމެކޭ އެއްފަދައެވެ.
މައުމޫނުގެ ސަރުކާރަކުން މިކަން ނުކުރާނެއެވެ. އަދި އިދިކޮޅު ޕާޓީތަކުގެ ތެރޭން މިވާހަކަ ދައްކަން ފަހައްޖެހޭ ބަޔަކުގެ ސަރުކާރަކުން ވެސް މިކަމެއް ނުކުރާނެއެވެ. މައުމޫނުގެ ސަރުކާރުން އެވަނީ މިދެންނެވި ބިޒްނަސް ޓެރަރިސްޓުންނަށް ވަރަށް ގިނަ ފައިސާތަކެއް ރައްޔިތުންގެ ހަޒާނާއިން ހަދިޔާ ކޮށްފައެވެ. އަދި އެވެރިން އެގެންދަނީ އެކަމުގެ މުޤާބިލެއްގެ ގޮތުން މައުމޫނު ނަގާ ކޮޅަށް ޖަހަމުންނެވެ. ހަމައެފަދައިން އެވެރިން އެދަނީ މައުމޫނު ނެތް ދުވަހަކަށް ވެސް ތައްޔާރުވަމުންނެވެ. މި ސަބަބާހުރެ މިއަދު އެވެރިން އެތިބީ ދެކޮޅު ރުއްސަން ޖެހޭ ހާލަތެއްގައެވެ.
އަޅުގަނޑު ގަސްދު ކޮށްފައި ހުރީ މިވެރިންނާ ފުރަތަމަ "ބެހެން" ޓުއަރިޒަމް މިނިސްޓަރަށް ސިޓީ އެއް ފޮނުވުމަށެވެ. މައުލޫމާތް ހޯދުމުގެ ސިޓީއެކެވެ. މާތްﷲ ގެ އިރާދަފުޅާ އެކު އެސިޓީ މިއަދު ފޮނުވައިފީމެވެ. މި ލިންކުން އެސިޓީގެ ކޮޕީ އެއް ފެނިވަޑައިގަންނަވާނެއެވެ. ޖަވާބު ލިބުމުން ހަދަން ގަސްދުކުރާ ގޮތެއް ދަންނަވާނަމެވެ.
މައުމޫނަށް ނޫނެކޭ ވިދާޅުވާށެވެ! ރައްޔިތުންގެ މުދަލުން ވައްކަން ކުރާ މީހުންނަށް ވެސް ނޫނެކޭ ވިދާޅުވާށެވެ.
|