ގުޅިފަޅު
ހަވީރު ނޫހުގައި ގުޅިފަޅާ ބެހޭ ގޮތުން އިސްތިޙާރެއް ޖަހާފައި އޮންނާތީ އެއިސްތިހާރު ގައި ބުނާ ވެބް ސައިޓު ބަލާލިއިރު ފެނިގެން ދިޔައީ ވަރަށް ސަޅި ކޮށް ތަރައްޤީ ކުރަން ރޭވިފައިވާ ގުޅިފަޅުގެ ތަސްވީރު ތަކެކެވެ.
ގުޅިފަޅު ތަރައްޤީ ކުރުމަށް ސަރުކާރާ އެކީ މަސައްކަތް ކުރަނީ އިގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ ކެޕިޓަލް އިންވެސްޓްމަންޓު އެންޑް ފައިނޭންސް ލިމިޓެޑް އާއި ބޮސްކާލިސް އިންޓާރނޭޝަނަލް ކަމަށް ބަޔާން ކޮށްފައި އޮތެވެ. މިދެ ކުންފުނީގެ ނަމަށް ބަލާލާއިރު އިގިރޭސިވިލާތުގެ ކުންފުނީގެ ނަމުގެ ހައިބަތް ވަރަށް ބޮޑެވެ. އަދި މިނަމަކީ އަޅުގަނޑު ޓުރޭޑް މިނިސްޓްރީގައި މަސައްކަތް ކުރިއިރު ވެސް އިވިފައިވާ ނަމަކަށް ވާތީ މީ އަނެއްކާ ހަމަ އަޅުގަނޑު ދަންނަ ކުންފުނީތޯ ބަލާލާ ހިތުން އިގިރޭސި ވިލާތުގެ ކޮންމްޕަނީ ހައުސްގެ ވެބްސައިޓަށް ވަދެ އެއް ޕައުންޑް ދީފައި މިދެންނެވި ކުންފުނީގެ މައުލޫމާތް ތައް ގަނެފީމެވެ.
އަޅުގަނޑަށް ހީވީ ހަމަ ރަގަޅަށެވެ. މިއީ އެއްކަލަ ރާޖުގެ 2 ޕައުންޑުގެ ކުންފުންޏެވެ. މިކުންފުނީގެ ހިއްސާދާރަކަށް މިހުރީ ސިލޯނުގެ ކޮންމެ ވެސް އަންހެނެކެވެ. ލަފާކުރެވޭ ގޮތުގައި މިއީ ރާޖު ގެ އަންހެނުންނެވެ. ތެދު ތެދަށް ދަންނަވަނީނަމަ މިއީ އެއްވެސް ކަމެއް ކުރާ ކުންފުންޏެއް ނޫނެވެ. ބޮޑު ވިޔަފާރިއެއް ވެސް ހިންގާ ކުންފުންޏެއް ނޫނެވެ. ހިސާބު ހުށަހެޅުމުގައި ވެސް އިސްތިސްނާ ލިބޭހާ ވެސް ކުޑަ ކުންފުންޏެކެވެ.
މީގެ ކުރީގެ މަޒުމޫނެއްގައި މިރާޖަކާ ބެހޭ މައުލޫމާތް ވާނީ އަރުވާފައެވެ. ހަނދުމަފުޅު އާ ކޮށްލެވުމަށް މި ލިންކަށް އޮއްބަވާލައްވާށެވެ.
އަޅުގަނޑު ހިތަށް އަރާ ސުވާލަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް މިއީދެން ތަންކޮޅެއް ބޮޑުވަރެކެވެ. އިގިރޭސިވިލާތުގެ ކުންފުންޏަކުން ކުރާ ކަމެކޭ ބުނީމާ ދިވެހިން ހިތަށް މިއަރަނީ ދުނިޔޭގެ ވަރަށް ބޮޑު ކުންފުޏަކުން ގުޅިފަޅު ހިއްކާ އެތަނުގައި ވިޔަފާރިތަކެއް ހިންގަން ރާވަނީ ކަމަށެވެ. ހަޤީޤަތުގައި މިކުންފުންޏަކީ ލަންކާ މީހެއް އިގިރޭސިވިލާތުގައި ރަޖިސްޓްރީ ކޮށްފައިވާ ދެ ޕައުންޑުގެ ދެ ޙިއްސާގެ ކުންފުންޏެކެވެ.
މިލިންކުން މިދެންނެވި ކުންފުންޏާ ބެހޭ ގޮތުން އިގިރޭސިވިލާތުގެ ކޮމްޕެނީ ހައުސްގައި ހުރި މައުލޫމާތް ބައްލަވާ ލެއްވުމުން ގުޅިފަޅުގެ ހުވަފެނުގެ ހަޤީޤަތް ވިސްނިވަޑައިގެންފާނެއެވެ.
މައުމޫނަށް ނޫނެކޭ ވިދާޅުވާށެވެ! ރައްޔިތުންނަށް އޮޅުވާލާ މީހުންނަށް ވެސް ނޫނެކޭ ވިދާޅުވާށެވެ!
|