އަޅުގަނޑުގެ ރަނިންގ މޭޓް ކަން އަލްއުސްތާޛް އަޙްމަދު މުއުތަސިމު އަދުނާނު ޤަބޫލުފުޅު ކުރައްވައިފިއެވެ.
ބަރަކާތެރި ރަމަޟާން މަހުގެ ހެޔޮ ދުޢާ ތިޔަ އެންމެ ބޭފުޅުނަށް އަރިސް ކުރަމެވެ.
މިއަދު ވަރަށް އުފަލާއެކު އަޅުގަނޑު އިޢުލާން މިކުރަނީ އަޅުގަނޑުގެ ރަނިންގ މޭޓް ކަން އަޙްމަދު މުއުތަސިމު އަދުނާނު ޤަބޫލުފުޅުކުރެއްވި ވާހަކައެވެ.
އަޙްމަދު މުއުތަސިމް އަދުނާނަކީ ޤާނޫނީ ރޮގުން މަތީ ތަޢުލީމު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި ރައްޔިތުންގެ ޙާދިމެއްގެ ގޮތުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުންނަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ކުޅަދާނަ ޤާނޫނީ ވަކީލެކެވެ. މުއުތަސިމަކީ ވަރަށް ގިނަ ދުވަސް ތަކެއް ވަންދެން ހާރިޖީ ދާއިރާ ގައި މަސައްކަތް ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެއިތުރުން ޤާނޫނީ ދާއިރާގައި ވެސް ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ތެދުވެރި އާމާނާތެރި އިޙްލާސްތެރި ޝަޙްސިއްޔަތެކެވެ.
އަހްމަދު މުއުތަސިމު އަޅުގަނޑުގެ ރަނިންގ މޭޓްކަން ޤަބޫލުކުރެއްވުމުން އަޅުގަނޑު ކުރަން ނުކުތް މަސައްކަތައް އިތުރު ފުރިހަމަ ކަމެއް ލިބިއްޖެއެވެ. އަޙްމަދު މުއުތަސިމަކީ އަޅުގަނޑު ކުރިއަރުވާ ފިކުރުތަކަށް 100 ޕަސަންޓު ތާއީދު ކުރައްވާ ބޭފުޅެކެވެ. އަޅުގަނޑު ޤަބޫލުކުރާ އުސޫލުތައް ޤައުމަށް ތަޢާރަފު ކުރެއްވުމަށް ހިތްވަރާ އެކު މަސައްކަތް ކުރައްވާނެ ބޭފުޅެކެވެ. ފަސާދަ އާއި ހުތުރުވެގެންވާ އަމަލުތަކުން ދުރުގައި ހުންނެވި ބޭފުޅެކެވެ.
މުއުތަސިމަކީ އެއް ވެސް މީހެއްގެ ބާރުގެ ދަށުގައި ހުންނެވި ބޭފުޅެއް ނޫނެވެ. އޭނާ އަކީ ތެދުވެރިކަމާއި ހިކުމަތެރިކަމާއި އިޙްލާސްތެރި ކަމާއެކު ޤައުމަށް ޙިދުމަތް ކުރައްވާނެ އިތުބާރުހުރި ބޭފުޅެކެވެ. ސިޔާސީ ޑީލްތައް ހައްދަވާނެ ނުވަތަ ރައްޔިތުންނަށް އޮޅުވާލާނެ ބޭފުޅެއްނޫނެވެ.
އަޅުގަނޑުގެ މެނިފެސްޓޯގައި ދަންނަވާފައިވާ ކަންތައްތަ އޭގެ ފުރިހަމަ މައުނާގައި ކުރިއަށް ގެންދެވުމުގައި އަޅުގަނޑަށް އެހީތެރިވެވަޑައިގަތުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ މުއުތަސިމެވެ. އެހެން ކަމުން އެފަދަ ބޭފުޅެއް އަޅުގަނޑުގެ ރަނިންގ މޭޓް ކަން ޤަބޫލުފުޅުކުރެއްވުމަށް މެދުވެރި ކުރެއްވީތީ މާތްﷲ އަށް ހަމްދާ ޝުކުރުކުރަމެވެ.
ް